ތަޢާރަފު
ކޮންމެ
ކުއްޖަކީވެސް ޠަބިއީގޮތުން ތަފާތު ކުއްޖެކެވެ. އެހެންކަމުން، ކޮންމެ ކުއްޖަކުވެސް
ފިކުރީ، އަފުރާދީ، ޖަޒުބާތީ، ޖިސްމާނީ، ނަފުސާނީ އަދި އިޖުތިމާއީ ގޮތުން ފުރާ
ފުރިހަމަވުމަށްޓަކައި ރައްކާތެރިކަމާއި އަޅާލުމާއި އޯގާތެރިކަމުގެ މާހައުލެއް
ބޭނުންވާނެއެވެ. އުނގަނައިދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ
މަސްޢޫލިއްޔަތަކީ އަދި ޒިންމާއަކީ މި ބޭނުންތައް ފުރިހަމަ ކޮށްދިނުމަށްޓަކައި
ރައްކާތެރި މާހައުލަކާއި، ހިރާހަށް[1]
ހޭނުވުމުގެ އިތުރުން ޚިޔާލު ބަދަލުކޮށް، ޙިއްސާކުރުމަށް ދަރިވަރުން
އަހުލުވެރި ކުރުވާ، އެކަން ދަރިވަރުންގެ
ޠަބީއަތުގައި އަށެގެންނެވުމެވެ. މިކަން ކުޅައުމަށްޓަކައި، އުނގެނުމުގެ
ނަޒަރިއްޔާތަކަށް މުދައްރިސުން އަހުލުވެރިވާން ޖެހެއެވެ. އެ ނަޒަރިއްޔާތަކުން
ބޭނުންކުރެވިދާނެ ބައިތަކުން ކުލާސްތައް ފައްކާކުރަން ޖެހެއެވެ. އެހެންމެ، އެ
ނަޒަރިއްޔާތަކުން ފާހަގަވާ އުނިކަންތައްތައް އުނގައިދިނުމުގައި ދޫކޮށްލާ އަމިއްލަ
އުޞޫލުތައް ހިމަނަން ޖެހެއެވެ. މިގޮތުން، މި ލިޔުމުގައި އަލިއަޅުވާލާފައިވާނީ އުނގެނުމުގެ
ނަޒަރިއްޔާތަކުގެ ތެރެއަށް ފީނުމަށްފަހު ކިޔަވައިދިނުމުގައި، މުދައްރިސެއްގެ
ހައިސިއްޔަތު އަޅުގަނޑު ބޭނުންކުރާނެ، އަމިއްލަ ފަލްސަފާއެއް ކަމުގައިވާ 'ޝަސްތަމާވި'[2]ގެ މައްޗަށް ޚުލާޞާ ނަޒަރަކުންނެވެ.
އުނގަނައިދިނުމުގެ ފޭޑި
ކޮންމެ އިންސާނަކީވެސް ތަފާތު ޝަޚްޞެކެވެ. އުނގެނުމާއި އުނގެނުމަށް
ބޭނުންކުރާ އުޞޫލުވެސް ކޮންމެ މީހެއްގެވެސް ތަފާތުވާނެ އެވެ. "ޝަސްތަމާވި"
ބޭނުންކޮށްގެން އުނގަނައިދިނުމުގައި ތަރުހީބުދިނުމާއި އަދަބުދިނުމަށް އިސްކަމެއް
ދެވޭނެއެވެ. ތަރުހީބުދިނުމުގައި ބީ. އެފް. ސްކިނަރ(1957)ގެ ނަޒަރިއްޔާގައި
ބަޔާންކުރައްވާފައިވާ މައިގަނޑު ދެ އުޞޫލު ބޭނުންކުރެވޭނެއެވެ. އެކި ހާލަތުގައި
އެކި ގޮތަށް ތަރުޙީބުދިނުމަށް ސަމާލުކަންދޭނެއެވެ. އެކިފަހަރު އެކި އުޞޫލުތައް
ބޭނުންކުރެވޭނެއެވެ. ސަބަބަކީ އަބަދު އެއްއުޞޫލެއް ބޭނުންކުރާނަމަ ދަރިވަރުން ފޫހިވާނެތީއެވެ.
ނަމަވެސް އަދަބުދިނުމުގައި ބޭނުންކުރާނެ އުޞޫލުތައް ކަނޑައަޅާނީ ދަރިވަރުންގެ
ޚިޔާލާއި މަޝްވަރާގެމަތިންނެވެ. އެކަންކުރުމުގެ ބާރުވެރިކަން ދޫކޮށްލާނީ
ދަރިވަރުންނަށެވެ. މުދައްރިސް ހުންނާނީ ތަންފީޒީ މަރުހަލާގައެވެ. މި އުޞޫލުތައް
ކަނޑައަޅާއިރު، މަގުދައްކައިދޭ މީހެއްގެ ގޮތުގައެވެ. އަދި އަދަބުތައް ދޭނެގޮތުގެ
ތަރުތީބު ކުލާހުގައި ހަރުކުރެވޭނެއެވެ. އެހެންކަމުން، މި ފަލްސަފާގައި ބީ އެފް
ސްކިނަރ (1957)ގެ ސްލޫކަށް ތަރުހީބުދިނުމާއި އަދަބުދިނުމުގައި ހިމެނޭ ހުރިހާ
ހަރުދަނާ އުޞޫލުތަކެއްގެ ބޭނުންކުރެވޭނެއެވެ. އަދި އެނަޒަރިއްޔާގައި ހިމެނޭ
އުނިކަންތައްތައް ދޫކޮށްލާ އަމިއްލަ ގޮތްތަކެއް ތަރައްޤީކުރެވޭނެއެވެ.
"ޝަސްތަމާވި" ބޭނުންކޮށް އުނގަނައިދޭ ފޭޑީގައި 'ބަދަހި ގުޅުމާއި
ރާވާލުން' ބޭނުންކުރުމަށް އިސްކަންދެވޭނެއެވެ. އެހެނީ، ދަރިވަރުންނަށް ކިޔައިދޭ
ތަކެތި ދަސްވަނީ ހަރުދަނާ ބިންގަލެއްގެ މަތީގައި ލަސްލަހުން އަމާޒަށް
ވާސިލުވެވޭނެހެން މަސައްކަތްތައް ބައިބަޔަށް ބަހައިލައިގެން، އެއްފިލާވަޅު އަނެއް
ފިލާވަޅާއި ބަދަހި ގުޅުމެއް ބާއްވައިގެން ކިޔަވައިދިނީމައެވެ. ނުވަތަ
އުނގެނައިދިނުން ނިޒާމީ ގޮތަކަށް އަތުރާލެވި މަޑުމަޑުން ކުރިއަށް ދިޔުމުންނެވެ (ހެތެރިންޓަން،
އީ. އެމް، & ޕާކެ، އާރު. ޑީ، 1999). އެހެނީ، ހުރިހާ އެއްޗެއް އެއްފަހަރާ
ކިޔައިދިނުމުން ކުދިންނަށް އެބުނާއެއްޗެއް ނަގައި ގަންނަން އުނދަގޫވެފައި
މަފްހޫމުތައް ދޭހަ ކުރަން އުނދަގޫވާނެއެވެ. މި ފަލްސަފާގެ ދަށުން އުނގަނައިދޭއިރު،
ދަސްކޮށްދޭން ބޭނުންވާ މަފްހޫމު ބައިބަޔަށް ބަހައިލާ ނިޒާމީ އުޞޫލެއްގެ މަތިން
އެއް ބައި އަނެއް ބަޔާ ގުޅުވާ މަންތިޤީ އުސްލޫބަކުން ފިލާވަޅުތައް ރާވާލެވޭނެ
އެވެ. މިކަމުގައި ވިސްނުމާއި ފިކުރު ތަރައްޤީވާ އުޞޫލުތަކާ ގުޅޭގޮތުން ޖީން ޕިއާޖެޓް
(1977) ޚިޔާލުފާޅުކުރައްވާފައިވާ ނަޒަރިއްޔާގައި ހިމެނޭ ހެދިބޮޑުވުމާއި
ވިސްނުންތަރައްޤީވުމާ ގުޅޭ ހަތަރު[3]
މަރުހަލާއަށް ސަމާލުކަންދެވޭނެއެވެ.
އުނގަނައިދިނުމުގެ މާހައުލަށް ނަޒަރު ހިންގާލުމުން އެންމެ
ބޮޑަށް ފާހަގަވާ އެއްކަމަކީ ކިޔަވައިދިނުމުގައި މުޤައްރަރުގައި ހިމެނޭ
މައުލޫމާތުތައް ނުވަތަ ކޮންޓެންޓް ފުރިހަމަ ކުރުމަށް މަސައްކަތްކުރާކަމެވެ. މިއީ، މިކަން ކުރުމަށް ކަނޑައަޅާފައިވާ އުޞޫލެއް ނޫނެވެ. މިކަން
ކުރަން ޖެހޭ އުޞޫލެއްވެސް ނޫނެވެ. ޙަޤީޤަތަކީ އުނގަނައިދިނުމުގެ މަސްދަރަކީ
މުޖުތަމައަށް ނުކުންނަ ކޮންމެ ކުއްޖަކީ އިސްލާމީ ގިއުގަނޑުގެ ތެރެއިން، މުޖުތަމައު
ބަލައިގަންނަ، ހަރުދަނާ ސުލޫކެއްގެ ވެރިއަކު އުފެއްދުމަށް ބޭނުންވާނެ ހުނަރުތައް
ތަރައްޤީ ކުރުމެވެ. އެހެންކަމުން، މި ފަލްސަފާގެ ދަށުން އުނގަނައިދޭއިރު، މަންހަޖުގައި
ބަޔާންވެފައިވާ ޤާބިލިއްޔަތުތައް[4]
ތަރައްޤީކުރުމަށްޓަކައި ޢަމަލީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް
އިސްކަންދެވޭނެއެވެ. މިކަން ކުރުމުގައި ދަރިވަރުންނަށް ތަޖުރިބާލިބޭނެ ފަދަ
ހަރަކާތްތަކާއި އުކުޅުތައް ބޭނުންކުރެވޭނެއެވެ. މިގޮތުން، ޑޭވިޑް ޖޯނަސެން (2011)
ހާމަކުރައްވާފައިވާ ވިސްނުމަށް އެހީވުމާއި(ސްކެފޯލްޑިން)، ކޯޗުކޮށްދިނުން އަދި
ނަމޫނާ (މޮޑެލިން) ދެއްކުމަށް އިސްކަންދެވޭނެއެވެ.
މި ފަލްސަފާގެ
ދަށުން އުނގަނައިދޭއިރު، އެންމެ އިސްކަމެއް ދޭނެ އަނެއްކަމަކީ، ކުދިންގެ
ވިސްނުމާއި މާހައުލާއި ގުޅުވައިގެން ފިލާވަޅުތައް ރޭވުމަށެވެ. މިގޮތުން، ކުދިންގެ
ބައިވެރިވުން އިތުރުކުރުމަށްޓަކައި މުޖުތަމައަށް ލޯހުޅުވައި، އެކުދިންގެ
ޠަބީއަތުގައި އިޖުތިމާއީ އަގުތަކާއި އިޖުތިމާއީ އާދަތައް ހަރުލެއްވުމެވެ.
މިގޮތުން، ޤައުމީ މަންހަޖުގައި ބަޔާންކުރެވިފައިވާ 4 އަގު[5]
ދަރިވަރުންގެ ޠަބީއަތުގައި ހަރުލެއްވުމަށްޓަކައި އަލްބާޓް ބަންދޫރާ (1977)
ބަޔާންކުރައްވާފައިވާ ނަފުސް މައިތިރިކުރުމާއި، ނަފުޒު ދެމެހެއްޓުން އަދި އަމިއްލަ
ޤާބިލުކަން ހަރުދަނާކުރުމަށް މުހިއްމު ހަރަކާތްތަކެއް ރާވާ ފިލާވަޅުން އެކަން
ދަސްކޮށްދެވޭނެ އެވެ.
"ޝަސްތަމާވި" ބޭނުންކޮށްގެން އުނގަނައިދެވޭ ފޭޑީގެ ކޮންމެ ފިލާވަޅެއްވެސް
އަމާޒުވެފައިވާނީ ދަރިވަރުންގެ ޝައުޤުވެރިކަމުގެ މައްޗަށެވެ. މިގޮތުން، ކުދިންގެ
މިޒާޖާއި އެކުދިންގެ ޠަބީއަތާ މާހައުލާއި ގުޅުވާ، ޒަމާނީ އުޞޫލުތަކާއި ވެށީގެ މަޑުމައިތިރިކަމާއި
ހަލަބޮލިކަމުގެ އިތުރުން "މޫސުމީ އޮއިވަރުތަކާއި" ޤައުމުގެ ހާލަތަށް
ރިޢާޔަތްކޮށް ފިލާވަޅުތައް ރާވާލެވޭނެއެވެ. އަދި އަމިއްލަ ވެށިން ފެންނަކަންކަން
ހޯދާ، ބަލާ ދިރާސާކޮށް މައްސަލަތަކަށް
ހައްލުހޯދުމަށް ރާވާލެވޭ ކޮންމެ ފިލާވަޅެއް ބައްޓަންވެގެންދާނީ ދަރިވަރުންގެ
އެތެރެ އާއި ބޭރުގެ ޝައުޤުވެރިކަމަށް އަމާޒުކޮށްގެންނެވެ. މިގޮތުން، މަސްލޯ (1943)ގެ
ބޭނުންތަކުގެ ހައިރާކީ[6]ގައިވާ
ޝައުޤުވެރިކަމުގެ މަރުހަލާތަކަށް އިސްކަންދީ ފިލާވަޅުތައް ގަތާލެވޭނެއެވެ.
އުނގެނުމުގެ ފޭޑި
މި
ފަލްސަފާގައި އުނގެނުން މާނަކުރާނީ ހާލަތާއި ގުޅިގެން، އަލަށް އެނގޭ އެނގުންތަކާއި ކުރިން އެނގިފައިވާ
އެއްޗެއްގެ މައްޗަށް ރިއާޔަތްކޮށް، ކުރެވިފައިވާ ތަޖުރިބާތަކާއެކު އެކަންކަން
އެންމެ މުނާސަބު ހާލަތުގައި ބޭނުންކުރުމަށް ކުރެވޭ މަސައްކަތްތަކަށެވެ. އުނގެނުމުގެ
މަރުހަލާތަކާއި އުނގެނުމުގެ ކަންތައްތައް އެންމެ ކާމިޔާބުވާ އެއްގޮތަކީ
ކިޔަވައިދިނުމުގައި ދަރިވަރާއި މުދައްރިސާ ދެމެދުގައި އޮންނަ އިޖުތިމާއީ ގުޅުން
ހަރުދަނާކުރުމެވެ. އެންމެ ބާރުގަދަ ޝައުޤުވެރިކަމުގެ ހަތިޔާރަކީ މުދައްރިސާއި
ދަރިވަރާ ދެމުދުގައި އޮންނަ އީޖާބީ ގުޅުމެވެ. އިޖުތިމާއީ ބަދަހި ކަމެވެ. އެހެންކަމުން،
މި ފަލްސަފާގެ ދަށުން އުނގެނޭދަރިވަރުންނާ މުދައްރިސާ ދެމުގައި އޮންނާނީ ހަރުދަނާ
ބަދަހި އިޖުތިމާއީ ގުޅުމެކެވެ. އުނގެނުމާއި އުނގެނުމުގެ މާހައުލުން ދިމާވާ
ދަތިތަކާއި މައްސަލަތަކަށް ހައްލު ހޯދައިދިނުމުގައި މުދައްރިސް މެދުވެރިއެއްގެ
ދައުރު އަދާކުރާނެއެވެ. އަދި މުދައްރިސްގެ ޝަޙްޞުން ހުރިހާ މާނައެއްގައި ނަމޫނާ
ދައްކާނެއެވެ.
ލަނޑުދަނޑި
މިފަލްސަފާގެ ދަށުން
ފުރިހަމައަށް ތަމުރީނުވެގެން މުޖުތަމައަށް ނުކުންނަ ކޮންމެ ދަރިވަރަކީ އިސްލާމްދީނުގައި
ފައިތިލަ ސާބިތުވެ ހުންނަ، ޤައުމަށް ފައިދާހުރި، އިޖުތިމާއީ
އަގުތަކަށް ހުރުމަތްތެރިކޮށް ހިތާ، ހިތާއި ހަށިގަނޑާއި ރޫޙީ ބަޔާއި ވިސްނުމާއި
ޖިސްމަށް ސަމާލުވެ، ތަރައްޤީކުރުމަށް ބޭނުންވާ ހުރިހާ ހުނަރުތަކެއް ލިބިގަތުމުގެ
ޤާބިލުކަން ހުންނަ ފުރިހަމަ ދިވެހި ދަރިއަކަށްހެދުން އެއީ މި ފަލްސަފާގެ
ލަނޑުދަނޑިއެވެ.
ޙަވާލާތައް:
ހެތެރިންޓަން، އީ. އެމް، & ޕާކެ، އާރު. ޑީ. (1999). ޗައިލްޑް
ފިލޯސަފީ: އަ ކޮންޓެންޕަރީ ވިއުޕޮއިންޓް. ބެސްޓަން:އެމްސީ ގްރެވް-ހިލް.
އަލްބާޓް ބަންދޫރާ.
(1977). ސޯސިއަލް ލާނިންގ ތިއަރީ.
އެންގްލްވޫޑް ކްލިދްސް، އެންޖޭ: ޕެރންޓިސް ހޯލް.
މަސްލޯ އޭ. އެޗް. (1943).
އަ ތިއަރީ އޮފް ހިއުމަން މޯޓިވޭޝަން. ސައިކޮލޮޖީ ރިވިއު، 50(9)، ނެގީ: http://psychclassics.yorku.ca/Maslow/motivation.htm އިން.
ޑޭވިޑް ޖޯނަސެން. (2011).
ސަޕޯޓިން
ޕްރޮބްލަމް ސޯލްވިން އިން ޕީބީއެލް. އިޓަޑިސިޕްލަނަރީ ޖަރނަލް އޮފް ޕްރބްލަމް-ބޭސްޑް ލާނިން، 5 (2)
ޖީން ޕިއާޖެޓް. (1977). ތިއަރީ އޮފް ކްގްނެޓިވް އެންޑް އެފެކްޓިވް ޑިވެލޮޕްމަންޓް:
ފައުންޑޭޝަން އޮފް ކޮންސްޓްރަކްޓިވިޒަމް. ބެކަން، ބޮސްޓަން.
މި މަސައްކަތް
ކުރުމަށްޓަކައި ބެލުނުތަކެތި (ބިބިލިއޮގުރަފީ)
Bandura, A. (1977). Social Learning Theory.
Englewood Cliffs, NJ: Prentice Hall.
Brooks, J. and
Brooks, M. (1993). In Search of Understanding: The Case for Constructivist
Classrooms, ASCD.
Bruner, J. S.
(1966) Toward a Theory of Instruction, Cambridge, Mass.: Belkapp Press. 176 + x
pages.
Hetherington, E. M., & Parke, R.
D. (1999). Child Psychology: A Contemporary Viewpoint. Boston:
McGraw-Hill.
Lidar, M., Lundqvist, E., Östman, L.
(2005). Teaching and Learning in the Science Classroom. Wiley
InterScience. Retrieved February 9, 2008 from http://www.interscience.wiley.com.
Shaw, Larry J.
Educational Philosophies
http://edweb.sdsu.edu/LShaw/f95syll/philos/phintro.html
Smith, M.K. (2002) 'Jerome S. Bruner and the process of education', the encyclopedia of informal education http://www.infed.org/thinkers/bruner.htm.
Smith, M.K. (2002) 'Jerome S. Bruner and the process of education', the encyclopedia of informal education http://www.infed.org/thinkers/bruner.htm.
[1] ހިރާހައް (ހިރާސް) މާނައަކީ ރިސްކެވެ.
މިއީ، 2011 ވަނަ އަހަރު ބަހުގެ އެކަޑަމީގެ ފަރާތުން ރިސްކު މި ލަފުޒަށް އުފައްދާ
އާއްމުކޮށްފައިވާ ލަފުޒެކެވެ.
[2] މި މަފްހޫމުގައި 'ޝަ' ދައްކައިދޭނީ
ޝައުޤުވެރިކަމެވެ. 'ސް' ހާމަކޮށްދޭނީ ސްލޫކެވެ. 'ތަ' އެއީ ތަޖުރިބާއެވެ. 'މާ'އިން މާނަކޮށްދޭނީ
މާހައުލެވެ. އަދި 'ވި' ބުނެދޭނީ ވިސްނުމެވެ.
[3] ޖީން ޕިއަޖޭ (1977) ހާމަކުރައްވާ ކުދިންގެ ވިސްނުންތަރައްޤީވުމުގެ 4
ފިޔަވައްސަކީ؛ (1) ސެންސަރީމޯޓޯ (0 -2 އަހަރަށް)، (2) ޕްރީ އޮޕަރޭޝަނަލް (2 -7
އަހަރު)، ކޮންކްރީޓް އޮޕަރޭޝަނަލް (7 -11 އަހަރު) ފޯމަލް އޮޕަރޭޝަން (11
އަހަރުންމަތި) އެވެ.
[4] މަންހަޖުގައި
ކަނޑައަޅާފައިވާ ޤާބިލިއްޔަތު ތަކަކީ: (1) އިސްލާމްދީނާ އެއްގޮތަށް ޢަމަލުކުރުން، (2) ނަފުސު ދެނެގަތުމާއި
ތަންޒީމުކުރުން، (3) ބިނާކުރަނިވި އަދި އުފެއްދުންތެރި ގޮތެއްގައި ވިސްނުން، (4)
އެހެންމީހުންނާ ގުޅިގެން އުޅެން އެނގުން، (5) ދޭހަވުމާއި ދޭހަކޮށްދިނުން، (6)
ދުޅަހެޔޮ ދިރިއުޅުމެއްގައި އުޅުން، (7) ދެމެހެއްޓެނިވި ތަރައްޤީއަށް އުނގެނުން
އަދި (8) ޓެކްނޮލޮޖީއާއި މީޑިއާ ބޭނުންކުރުން، އެވެ.
[5] މަންހަޖުގައި
ބަޔާންކުރައްވާފައިވާ އަގުތަކަކީ، (1) އަމިއްލަ ނަފުސާ ގުޅިގެން އަންނަ އަގުތައް
(2) އާއިލާއާއި ދޭދޭ ފަރުދުންގެ މެދުގައި ހުންނަ އަގުތައް، (3) ދިރިއުޅޭ
މުޖުތަމައާއި ބަވަނަ ވެފައިވާ މުޖުތަމައާ ގުޅޭ އަގުތައް އަދި (4) ދިރިއުޅޭ
ވެއްޓާގުޅޭ އަގުތަކެވެ.
[6] މަސްލޯ (1943)ގެ ބޭނުންތަކުގެ ހައިރާކީގައިވާ 5
ބަޔަކީ (ތިރިން މައްޗަށް): (1) ނަފުސާނީ (ސައިކޮލޮޖިކަލް) މިސާލު، ކާނާ، ފެން، ވައި، (2)
ސަލާމަތްކަން (ސޭފްޓީ) މިސާލު، ފައިސާ، (3) ލޯތްބާއި ބަރޯސާވުން (ބިލޯންގިންނެސް
އެންޑް ލަވް)، (4) އިތުބާރު (އެސްޓީމް) އަދި (5) ސެލްފް އެކްޗުއަލައިޒޭޝަން އެވެ.
ކިޔަވައިދިނުމުގައި ގެންގުޅެވިދާނެ ވަރަށް ފުރިހަމަ ފަލްސަފާއެއް..ވަރަށް އުފެއްދުންތެރި ލިޔުމެއްގެ ގޮތުގައި ފާހަގަ ކުރެވޭ.ކީޕް އިޓް އަޕް ފަތޫ!!
ReplyDeleteމިއީ ވަރަށް މޮޅު ފަލްސަފާއެއް. މީގެ ބޭނުން ކުލާސްރޫމުގައި ވަރަށް ބޮޑަށް ހިފިޑާނެކަމަށް ފެނޭ... މިހާ ކުރުކޮށް ބަޔާންކުރަންޖެހުނީމާ ލިޔުންތެރިޔާއަށް ބޭނުންވާ ވަރަށް މަޢުލޫމާތު ޙިއްސާ ނުކުރެވި ވާކަމަށް ޤަބޫލު ކުރެވެނީ.. އެހެންކަމުން އިތުރު ތަފްޞީލާއެކު ތިޔަ ފަލްސަފާ ނެރެދެއްވުމަކީ ފައިދާ ބޮޑު ދަރުމަހުރި ގޮތެއްކަމުގައި ދަންނަވަން..
ReplyDeleteލިޔުންގަނޑުގައި ވަކި ސުރުޚީއެއްގައި "ޝަސްތަމާވި" އޮޅުންފިލުވައިދނުނުން މުހިންމުކަމުގައި ސަރ ދެކެން. ވަރަށް ރަނގަޅު މަސައްކަތެއް.
ReplyDelete