އުނގެނޭ މާހައުލު
އެއީ ފަހި މާހައުލެއް ނުވަތަ އުގެނެން އުނދަގޫ މާހައުލަކަށް ވުން ބިނާވަނީ
މާހައުލު ބައްޓަން ކުރެވޭ ގޮތަކުންނެވެ. މިކަމަށް ބާރު ފޯރާ އެންމެ އާއްމު
ކަންކަމަކީ މުދައްރިސްގެ ސުލޫކު، މުދައްރިސްގެ ސިފަތައް، ދަރިވަރުންގެ ސުލޫކު،
ދަރިވަރުންގެ ސިފަތައް، މުޤައްރަރު، ކުލާހުގެ އެތުރުން އަދި ވަގުތާއި މަދަރުސާގެ
ޕޮލިސީތަކެވެ.
1.
މުދައްރިސްގެ ސުލޫކު
ކުލާހެއް ކާމިޔާބު ކުރެވުމާއި ނުވުން ބިނާވެފައިވަނީ މުދައްރިސްގެ ސުލޫކުގެ
މައްޗަށެވެ. މުދައްރިސްގެ ސުލޫކުގެ ސަބަބުން އުނގެން ތިބޭ ދަރިވަރުންނަށް އެކަމުގެ
އަސަރު ފޯރަ އެވެ. އެހެންމެ ކުލާހުގައި ކަނޑައަޅާ ޤަވާއިދުތަކަށް މުދައްރިސް
އަމަލުކުރާ އުޞޫލަކުން އަދި މުދައްރިސް ގެންގުޅޭ އުޞޫލެއްގެ ސަބަބުން އެކަމުގެ
އަސަރު ދަރިވަރުންނަށް ކުރެ އެވެ. މީގެއިތުރުން، މި ފަދަ ކުދިކުދި
މުޖުތަމައުތަކުގައި އުޅޭއިރު، ބޭރުތެރެއިން ދަރިވަރުންނަށް ފެންނަ މުދައްރިސުންގެ
ސުލޫކު އެއީ ސީދާ ކޮށް އަދި ނުސީދާކޮށް އެ މުދައްރިސެއްގެ ގަޑިއަށް ދަރިވަރުންގެ
ފުށުން އަސަރުކުރުވާކަންކަމެވެ. އެހެންކަމުން، އުނގެނެން ފަހި މާހައުލަށް
މުދައްރިސްގެ ސުލޫކު މުޙިއްމު ދައުރެއް އަދާކުރެ އެވެ.
2.
މުދައްރިސުންގެ ސިފަތައް
މުދައްރިސެއްގެ ޠަބީއަތުގައި ހިމެނޭ ސިފަތަކެއްގެ ސަބަބުން ކުލާހަށް އެކަމުގެ
އަސަރު ކޮށްފާނެ އެވެ. މުދައްރިސަކީ ޖޯކު މީހެއްނަމަ، ނުވަތަ އަބަދުމެ ގޮތުގައި
ހުންނަ މީހެއްނަމަ، ނުވަތަ "މާ ވެގަނެގެން/ މާ ގޮތްދައްކައިގެން"
އުޅޭމީހެއްނަމަ، ނުވަތަ މާ ބަހަވީ މީހެއްނަމަ، ކުދިންގެ ފަރާތުން ތަފާތު
ޚިޔާލުތައް އަންނާނެ އެވެ. މިކަމުގެ ސަބަބުން ކުލާހަށް އެކަމުގެ އަސަރުތައް ކުރާނެ
އެވެ. އެހެންކަމުން، ކުދިންގެ ވިސްނުމާ ޚިޔާލަށް ފެތޭނެ އުޞޫލަކުން ކުދިންގެ
ޤަބޫލުކުރުންތަކަށް ރިއާޔަތްކޮށް މުދައްރިސްގެ ޠަބިއީ ސިފަތައް ހާނުވާ
އެކަންކަމަށް ވިސްނުމަކީ އުނގެނުމަށް ފަހި މާހައުލަކަށް ބޭނުންތެރި ކަންކަމެވެ.
3.
ދަރިވަރުންގެ ސުލޫކު
ކުލާހެއްގެ މަސްރަހު އެންމެ ބޮޑަށް ބަދަލުވެގެންދާނީ ދަރިވަރުންގެ
ފަރާތުންނެވެ. ކުލާސް ހަލަބޮލިވުމާއި މަޑުމައިތިރި ވުން ބިނާވާނީ އެކުލާހެއްގެ
ދަރިވަރުންގެ ސުލޫކަށް ބިނާވެގެންނެވެ. ހަލަބޮލި ކުދިންނާއި މައްސަލަ އުފެއްދުމަށް
މަސައްކަތް ކުރާ ކުދިން ތިބޭ ކުލާހެއް ނަމަ މައްސަލަތައް އިތުރުވާނެ އެވެ. މިފަދަ
ކުލާހެއްގައި އުގެނެން ފަހި ވެއްޓެއް ޤާއިމު ކުޅައުމަށް ބޭނުންނަމަ ކުލާހުގެ
ޤަވާއިދުތައް އެކަށައަޅާ އެކަން ތަންފީޒުކުރުމަކީ ބޭނުންތެރި ކަމެކެވެ.
4.
ދަރިވަރުންގެ ސިފަތައް
ކުލާހުގައި އުޅޭ ކުދިންގެ ތެރެއިން ބައެއް ކުދިންގެ ސުލޫކާއި ޠަބީއަތުގައި
ހުންނަ ބައެއް ސިފަތަކުގެ ސަބަބުން ކުލާސް ހަލަބޮލިވެ ކަންތައްތައް އަތްނުފޯރާ
ފަށަށް އާދެ އެވެ. ޚާއްޞަކޮށް މާ ސިޔާސަ ކުއްޖެއް ނުވަތަ އެހެންކުދިންގެ ފިކުރާ
ތަފާތު ފިކުރެއްގެ ކުއްޖެއް ހިމެނޭ ކުލާހެއް ނަމަ އެކުއްޖެއްގެ ބާރުވެރިކަމަށް
ކުލާސް ގެނުވައި އެހެންކުދިން އަޅުދާސްތުކުރުވާ ހަނގާކުރުން ފަދަ ކަންކަން ހިންގަ
އެވެ. އަނެއްކޮޅުން ބަލާއިރު، ކުލާހުގައި ތިބޭ ކުދިންގެ މަޑުމައިތިރި ކަމާއި
އެކުދިންގެ ނުކުރުންތެރިކަމުގެ ސަބަބުން ކުލާސް ކުރިއަށް ގެންދަން މުދައްރިސަށް
ބައެއް ފަހަރު ދަތިވާތަން އާދެ އެވެ. ވީމާ އުނގެނެން ފަހި މާހައުލެއް
އުފެއްދުމަށްޓަކައި މުދައްރިސް ކުރަން ޖެހޭ މައިގަނޑު ކަމަކީ ކުދިންގެ ޠަބިއީ
ސިފަތައް ދެނެގަނެ ކުދިންގެ ސިފަތަކަށް އަމާޒުކޮށް ފިލާވަޅުތައް ބައްޓަން
ކުރުމެވެ.
5.
މުޤައްރަރު
ކިޔަވައިދޭ އެއްޗެއްގެ ސަބަބުން ކުލާހަށް އެކަމުގެ އަސަރުތައް ފޯރާނެ އެވެ.
މިގޮތުން، އެކި މާއްދާތަކުގައި މި ބަދަލުތައް އަންނަކަން ދިރާސާތަކުން ހާމަވެ
އެވެ. މިސާލަކަށް އިސްލާމް މާއްދާ ކިޔަވައިދޭ އިރާއި ސައިންސްގެ މާއްދާތައް
ކިޔަވާދޭ އިރު ހަލަބޮލިކަމާއި މަޑުމައިތިރިކަމުގައި ފަރަގުތައް ފާހަގަކުރެވޭނެ
އެވެ. ހަމައެހެންމެ، ހިސާބު ކިޔަވައިދޭ ވަގުތާއި ފިޒިކަލް އެޑިޔުކޭޝަން
ގަޑިތަކުގައި ބޮޑެތި ފަރަގުތަކެއް ދަރިވަރުންގެ ފުށުން ފާހަގަވާނެ އެވެ. އެހެންކަމުން،
އުނގެނެން ފަހި މާހައުލެއް އުފައްދަން މުދައްރިސް މަސައްކަތް ކުރާއިރު،
މުޤައްރަރަށް ރިއާޔަތްކުރަން ޖެހެއެވެ.
6.
ކުލާހުގެ ތަރުތީބުކަން
ކުލާސް ތަރުތީބުކުރެވިފައި ހުންނަ ގޮތުގެ ސަބަބުން އުނގެނުމަށް ހުރަސް
އެޅޭތަން އާދެ އެވެ. މިސާލަކަށް ގުރޫޕު މަސައްކަތެއް ކުރިއަށް ގެންދަން ބޭނުންވާ
ހިނދު ގުރޫޕު ހެދުމުގެ ބަދަލުގައި އާއްމުކޮށް ތިބޭ އުޞޫލުން ކުދިން ބާތިއްބާ ނަމަ
އެކަމުގެ ސަބަބުން އެ މަސައްކަތަށް އަސަރުކުރާނެ އެވެ. ހަމައެހެންމެ، ކުލާހުގައި
ތިބޭ ކުދިން ތަރުތީބު ކުރެވޭ އުސޫލަކީވެސް އެކަމުގެ ސަބަބުން ހެޔޮ އުނގެނުމަކަށް
ހުރަސް އެޅޭ ކަންކަމެވެ. ވީމާ، ކުލާސް ތަރުތީބު ކުރުމުގައި ފިލާވަޅުގެ މަޤްޞަދަށް
ބިނާކޮށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަކީ އުނގެނުމަށް ފަހު
މާހައުލަކަށްކޮންމެ ހެން ބޭނުން ކަންކަމެވެ.
7.
ވަގުތު
ކުލާހުގައި ކުދިން ހޭދަކުރާ ވަގުތަކީ އުނގެނުމަށް ފަހި މާހައުލަކަށް އަސަރު
ކުރުވާ ކަމެކެވެ. މިސާލަކަށް ސެޝަން ނިމޭ އިރު ކުދިން ވަރުބަލިވެފައި ތިއްބާ
އަނެއްކާ އިތުރު ކުލާހެއް އެގަޑީގައި ކުރިއަށް ގެންދިއުމަށް ރޭވުން އެއީ އެންމެ
އެދެވޭ ގޮތަށް ނުވެހިނގައިދާނެ އެވެ. މިގޮތަށް އެވަގުތުގައި ގަޑިތައް ރޭވުން
އާއްމުކަމަކަށްވެއްޖެ ނަމަ ހީވެސް ނުކުރާ ފަދަ ބަދަލުތަކެއް ކުދިންނަށް އައުމަކީ
ދުރުގައިވާ ކަމެއް ނޫނެވެ. މަޑުމައިތިރި ކުލާހެއް ހަލަބޮލި ވުމަކީވެސް ދުރުގައިވާ
ކަމެއް ނޫނެވެ.
8.
މަދަރުސާގެ ޕޮލިސީތައް
މަދަރުސާގެ ޕޮލިސީތަކުގެ ސަބަބުންވެސް އެކަމުގެ އަސަރުތައް ކުލާސްރޫމުތަކަށް
ކުރެ އެވެ. ދޭތެރެ ދޭތެރެއިން މަދަރުސާގެ ޕޮލިސީތައް ބަދަލުވާ ކަމަށް ވާނަމަ
އެކަމުގެ ސަބަބުން ކުލާސްތައް ހަލަބޮލިވެ ކިޔަވައިދިނުމަށް އަސަރު ކުރާ މަންޒަރު
މަދުން ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން މިހާރުވެސް ފެނެ އެވެ. އެހެންކަމުން،
މަދަރުސާގެ ވެރިން ބަދަލުވެގެންދާހިނދުވެސް މަދަރުސާގެ މައިގަނޑު ޕޮލިސީތަކަށް
ބަދަލު ނާންނާނެ ހެން ހަރުދަނާ ޕޮލިސީތަކެއް ޤާއިމުކުރުމަކީ ބޭނުންތެރިކަމެކެވެ.
ކިޔެވުމަށް ފަހި މާހައުލެއް ބިނާކުރުމަކީ، އުނދަގޫ ކަމެއްކަން ޤަބޫލު ކުރަމެވެ. ސަބަބަކީ ކުދިންގެ ސުލޫކަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކެވެ. އެހެނަސް، ކުލާސްރޫމުގައި އުނގެނުމަށް ފަހި މާޙައުލެއް ޤާއިމު ކޮށްދިނުމަށް ޓީޗަރުން ގަދައަޅާ މަސައްކަތް ކުރަންވާނެ އެވެ. ފަތުޙުﷲ ގެ ލިޔުމުގައި ބަޔާން ކޮށްފައި ހުރި ވާހަކަތަކަށް ވަރަށް ބޮޑަށް އެއްބަސް ވަމެވެ. ނަމަވެސް މިއަށްވުރެ އިތުރަށްވެސް ކުރެވޭނެ ވަރަށް ގިނަ ކަންތައްތައް ހުންނާނެ އެވެ. އަބަދުވެސް ކުދިންނާ ދޭތެރޭގައި ޕޮޒިޓިވްކޮށް ވިސްނާ ބަޔަކަށް ޓީޗަރުން ވާންވާނެ އެވެ. ކުދިންގެ ފަރާތުން ގޯސްކަމެއް ކިރިޔާ ފެނުނީމާ، އެކަމެއް އަޅާނުލައި ދޫކޮށްލައިފިނަމަ، ކުރިފަޅައި ހެދި ބޮޑުވެގެން ދާނެ އެވެ. އެއާ ޚިލާފަށް ވަގުތުން ފިޔަވަޅު އަޅައި ކުދިންގެ އުޅުމަށާއި ސުލޫކަށް ދާއިމީ ބަދަލެއް ގެންނަން މަސައްކަތް ކުރަންޖެހޭނެ އެވެ. މިގޮތަށް ސުލޫކު ބަދަލުކޮށްލާނެ ޚިޔާލުތަކެއް ދީފައި ހުރި ނަމަ މި ލިޔުން ވަރަށް ފުރިހަމަވާނެކަމަށް ޤަބޫލު ކުރެވެ އެވެ.
ReplyDelete